navLogo

އެޗްޑީސީގެ ވެބްސައިޓަށް އޭއައި ބޮޓު 'މިތުރު' އަދި އާ ފީޗާސްތަކެއް ތައާރަފްކޮށްފި

އެޗްޑީސީގެ ވެބްސައިޓަށް އޭއައި ބޮޓު 'މިތުރު' އަދި އާ ފީޗާސްތަކެއް ތައާރަފްކޮށްފި
އޭއައި ބޮޓް "މިތުރު" ފޮޓޯ: އެޗްޑީސީ
މަރިޔަމް

ހުޅުމާލެ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ކޯޕަރޭޝަންގެ ވެބްސައިޓަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޮޓް "މިތުރު" ތައާރަފުކޮށް، އެކްސެސިބިލިޓީ އިތުރުކުރުމަށްޓަކައި އާ ފީޗާސްތަކެއް ތައާރަފުކޮށްފިއެވެ. މި މަސައްކަތަކީ އެޗްޑީސީން އާންމުކޮށް ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ވެބްސައިޓްގެ މައުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަށް ކުރެވުނު މުހިއްމު މަސައްކަތެކެވެ.

އެޗްޑީސީއިން މިކަން އިފްތިތާހުކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހު، ނުކުޅެދުންތެރިކަން ހުރި 30 ފަރާތަކަށް ވަޒީފާ ދިނުމަށް އެ ކޯޕަރޭޝަނުން ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިކަން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އާއިޝަތު ޝިހާމްއެވެ.

ވެބްސައިޓަށް އަލަށް ތައާރަފް ކުރި ފީޗާސްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ތަފާތު ފަރާތްތަކަށް ވެބްސައިޓް ބޭނުންކުރަން ފަސޭހަކޮށްދިނުމަށް ތައާރަފް ކުރެވުނު ފަންކްޝަންތަކެއް ކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ. އެގޮތުން ވެބްސައިޓަށް އިތުރުކުރި ފަންކްޝަންތަކުގެ ތެރޭގައި، ވެބްސައިޓް ބޭނުންކުރާ ފަރާތަށް ފަސޭހަވާނެހެން އަކުރުތަކުގެ ސައިޒު ބަދަލުކުރުމާއި، ކުލަ ސްކީމް ބަދަލުކުރުމުގެ އިތުރުން ސްކްރީން ރީޑަރ ފަންކްޝަން ވެސް ހިމެނެއެވެ.

މީގެ އިތުރުން، ޑިސްލެކްސިޔާ ހުންނަ ފަރާތްތަކަށް ވެބްސައިޓްގެ މައުލޫމާތުތައް ކިޔައިލުން ފަސޭހަކުރުމަށްޓަކައި، "ޑިސްލެކްސިޔާ ފްރެންޑްލީ" ފޮންޓެއްވެސް ވަނީ މި ފީޗާސްތަކުގެ ތެރެއިން ތައާރަފުކޮށްފައެވެ. މި ފީޗާސްތަކުގެ ސަބަބުން، ހުރިހާ ބާވަތެއްގެ ބޭނުންކުރާ ފަރާތްތަކަށް ވެބްސައިޓުން މައުލޫމާތު ހޯދުން އިތުރަށް ފަސޭހަވެގެންދާނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

އެޗްޑީސީއިން ވިދާޅުވީ، ވެބްސައިޓަށް ގެނައި މި ބަދަލާއެކު، އެ ކޯޕަރޭޝަނުގެ ވެބްސައިޓުން ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރަށް ފަސޭހަވާނެ ކަމަށެވެ. އަދި ހުޅުމާލެއަކީ ހުރިހާ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ދިރިއުޅެވޭނެ، ޝާމިލު މާހައުލަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް އެ ކޯޕަރޭޝަނުން ކުރަމުންގެންދާނެ ކަމަށް ވެސް އެޗްޑީސީން ވިދާޅުވިއެވެ.

Rate this article

Leave a Comment

Comments (0)