
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީތަކުން ވަގުތުން ވަކިވެވޭނެ ނިޒާމެއް ތައާރަފްކުރާނެއެވެ. މި ބަދަލާއެކު، ސިޔާސީ ޕާޓީއެއްގެ އާންމު މެންބަރުންނަށް އެ ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން ވަގުތުން ޕާޓީއިން ވަކިވެވޭނެއެވެ.
މިހާރު އެ ކޮމިޝަނުން ސިޔާސީ ޕާޓީގެ ދަފްތަރުން މެންބަރަކު ވަކިކުރަނީ، ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން 14 ދުވަހުގެ ތެރޭގައެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ސަލާހު ރަޝީދު ވިދާޅުވީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޕާޓީތަކުން ވަގުތުން ވަކިވެވޭ ގޮތަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
މި ބަދަލުތައް ގެނައި ނަމަވެސް ސިޔާސީ ޕާޓީތަކުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ޕާޓީން ވަކިވާން އެދޭ ހާލަތުގައި ވަގުތު ނަގާނެ ކަމަށެވެ. އެގޮތުން ޕާޓީގެ ޗެއަރޕާސަނާއި، ރައީސާއި، ހަޒާންދާރާއި، ރަޖިސްޓްރާ ފަދަ މަޤާމުތަކަކީ ކޮމިޝަނުގެ ރެކޯޑުގައި ހިމެނެންޖެހޭ ބަޔަކަށްވާތީ، އެ ބޭފުޅުން ވަކިވުމަށް ވަގުތު ނަގާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޤާނޫނު އަސާސީގެ ދަށުން މަޖިލިސް މެންބަރުން އިންތިޚާބުވާ ސިޔާސީ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެއެވެ. އަދި ޤާނޫނަށް މިފަހުން ގެނައި އިސްލާހުގެ ދަށުން ކައުންސިލަރުންވެސް ޕާޓީ ބަދަލު ކުރުމުން ނުވަތަ ވަކިވެއްޖެނަމަ ގޮނޑި ގެއްލޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. އެފަދަ ބޭފުޅެއް ވިޔަސް ޕާޓީން ވަކިވާން ޕޯޓަލް މެދުވެރިކޮށް އެދުމުން އަންނަ ޖެނުއަރީ މަހުން ފެށިގެން ވަގުތުން ޕާޓީން ވަކިކޮށްދޭނެ ކަމަށްވެސް ސަލާހު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދޭ ފޯމު ޕްރޮސެސް ކުރުމަށް 3 ދުވަހުގެ މުއްދަތެއް މިހާރު ނަގާކަން ފާހަގަކުރައްވައި ސަލާހު ވިދާޅުވީ، އެކަންވެސް ވަގުތުން ކުރެވޭ ގޮތަށް ބަދަލު ކުރުމަށް މަޝްވަރާތައް ކުރައްވަމުންދާ ކަމަށެވެ. މި ބަދަލުތައް ގެނައުމުގެ ބޭނުމަކީ ޕާޓީއަކުން ވަކިވެ، އެހެން ޕާޓީއެއްގެ މަޤާމަކަށް ކުރިމަތިލާން ނުވަތަ އެތެރޭގެ އިންތިޚާބެއްގައި ވާދަކުރަން ބޭނުންވި ނަމަވެސް، 14 ދުވަހުގެ މުއްދަތު އޮތުމުން އެކަމަށް ހުރަސްއެޅޭ ކަމުގެ ޝަކުވާތަކާއި، ބައެއް ޕާޓީތަކުން މެމްބަރުން ވަކިވިޔަ ނުދީ ހިފަހައްޓާ ކަމުގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުން ކަމަށްވެސް ސަލާހު ވިދާޅުވިއެވެ.