-1765106316413.webp)
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ބޭނުންވާ 7،000 އޮފިޝަލުންގެ ތެރެއިން މިހާތަނަށް ކުރިމަތިލާފައިވަނީ ގާތްގަނޑަކަށް 3،000 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އޮފިޝަލުންނަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 21 ވަނަ ދުވަހަށް ހަމަވާން ގާތްވެފައިވާއިރު، އިތުރު އޮފިޝަލުން ބޭނުންވާ ކަމަށް ކޮމިޝަނުން ފާހަގަކުރައްވައެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރެއްވީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އޮފިޝަލް ކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވާން ކައިރިވެފައިވާއިރުވެސް، 7،000 އޮފިޝަލުން ބޭނުންވާ ތަނުން ލިބިފައިވަނީ 3،000 ހުށަހެޅުން ކަމަށެވެ. އެހެންކަމުން، ބޭނުންވާ އަދަދަށް އޮފިޝަލުން ހަމަޖެއްސުމަށް އިތުރު ފަރާތްތަކުން ކުރިމަތިލުން މުހިންމު ކަމުގައި ފާހަގަކުރެއްވިއެވެ. އިންތިޚާބާ ގުޅިގެން ރަށް ރަށަށް ކުރި ދަތުރުތަކުގައި ގިނަ ބަޔަކު އޮފިޝަލް ކަމަށް ކުރިމަތިލާން ޝައުޤުވެރިކަން ފާޅުކޮށްފައި ވެއެވެ. ނަމަވެސް، މައި ޕޯޓަލް މެދުވެރިކޮށް ކުރިމަތިލުމުގައި ބައެއް ފަރާތްތަކަށް ދަތިތައް ކުރިމަތިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. މިފަދަ ދަތިތައް ދިމާވާ މީހުންނަށް އިލެކްޝަންސް ކޮމިޝަންގެ ހޮޓްލައިން 1414 އަށް ގުޅުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
އޮފިޝަލުންނާއި ޓްރެއިނަރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ. ޒުހުދާ ވިދާޅުވި ގޮތުގައި، ޓްރެއިނަރުން ތަމްރީން ކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތް ރޯދަ މަހުގެ ކުރިން ފެށުމަށް ނިންމާފައި ވެއެވެ.
އުމުރުން 18 އަހަރުވެފައިވާ، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާނުކުރާ ކޮންމެ މީހަކަށް އޮފިޝަލަކަށް ވެވޭނެއެވެ. އޮފިޝަލުންގެ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 2900 ރުފިޔާ، ވެރިޔާގެ އެހީތެރިންނަށް 2600 ރުފިޔާ، އާދައިގެ އޮފިޝަލުންނަށް 2300 ރުފިޔާ، ގުނާ އޮފިޝަލުންނަށް 1800 ރުފިޔާ އަދި ރިޒަރވް އޮފިޝަލުންނަށް 1000 ރުފިޔާގެ އުޖޫރައެއް ލިބޭނެއެވެ. މީގެ އިތުރުން، މަސައްކަތް ކުރާ ގަޑިތަކަށް ބަލާ ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރު ގަޑީ ފައިސާވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.